Welcome to the blog of Kuru Vaahaka. Here I've shared my short Dhivehi Stories with you. You may feel difficult in finding, when short stories are mix-up with long stories. So I made a different blog for short stories to make easy for you. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit, to improve your knowledge and language. Spend your time well and enjoy reading stories.

Thursday, October 4, 2012

Kehiveriyaa

Wyirevihek

       
       އަހަންނަށް ދެލޯ ހުޅުވާލެވުނީ ތުއްތު މީސާއާއި މީލާ ދެކުދިން ރޮއެގަތް އަޑަށެވެ. އެއަޑަށް އަހަރެންގެ މުސްކުޅި މާމަވެސް ކޮޓަރިތެރެއަށް އައެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއްޖެހީއެވެ. މާމަ މީލާ ނަގައިގެން ލޮއްސަން މަސައްކަތް ކުރިއެވެ. އެވަގުތު އަހަރެން މާމަ ކައިރީގައި ބުއްފުޅި ޖެއްސުމަށް ބުނީމެވެ. މާމަ ބުއްފުޅި ނަގައިގެން މީލާ ތުނބުގައި ހަމަ ޖެއްސުމާއިއެކު އެފަކީރު ހުއްޓާލައިފިއެވެ. އަހަރެން މީސާ ކައިރީގައި ބާއްވައިގެންއޮވެ ގާތުން ކިރުދިނީމެވެ. އަހަންނަށް ބަލާލެވުނީ މާމަގެ މޫނަށެވެ. މާމަ ހިނިތުންވެލައިގެން ނާނާ ކިޔަމުން މީލާއަށް ބަލަހައްޓައިގެން އިނެވެ. އެއްއަތުން ލޯބިން މީލާގެ ފަންއިސްތަށިގަނޑުގައި ފިރުމަމުންނެވެ. ''މާދަމާއަކީ މިދެމަންޖެއަށް ތިންމަސް ފުރޭދުވަސް... އެކަމަކު ބަލާލާފައި ހީވަނީ ހަމަސް ފުރިއްޖެހެން ދޯ!.....'' މާމަ އަހަންނަށް ލޯބިން ބަލާލިއެވެ. މާމަ ބަލާލުމާއިއެކު އަހަންނަށް ހިނިތުން ވެލެވުނެވެ. އަހަރެން ބަލާލީ އަހަރެން ކައިރީގައި އޮތް މީސާއަށެވެ. ބޮޑުވަމުން އަންނަ ވަރަކަށް މީސާ ވައްތަރު ވަމުންއައީ އޭނާގެ ބައްޕައާއިއެވެ. މީލާއަށް ލިބިފައިހުރީ އަހަރެންގެ ސިފަތަކެވެ. އޭނާގެ ބައްޕަގެ ދޮންކަން ފިޔަވައެވެ. މީސާގެ މޫނަށް ބަލާލާ ކޮންމެ ފަހަރަކު އޭނާގެ ހިތި ހަނދާންތައް އަހަންނަށް އަބަދުވެސް އާވެއެވެ.

މީލާ ނިދުމުން މާމަ އޭނާގެނެސް އަހަރެންގެ މަގަތުގައި ބާއްވާލިއެވެ. އަދި މީސާގެ ބޮލުގައި ފިރުމާލިއެވެ. ''މާމާ އެބައަންނަން އެކޮޔަށް ކާން ހިފައިގެން.'' އަހަންނަށް ބަލާލާފައި މާމަ އަހަރެންގެ ބޮލުގައިވެސް ފިރުމާލިއެވެ. މާމަގެ ފިރުމުންތައް ލިބޭ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނައާދެއެވެ. އަހަރެންގެ އެކަނިވެރިކަމާއި ނަސީބާއިމެދު ވިސްނާލެވެއެވެ. މާމަ ދޮރުން ނުކުންނަމުން އަދިއެއްފަހަރު ފަސްއެނބުރި އަހަންނަށް ބަލާލާފައި ހިނިތުންވެލިއެވެ. މާމަ ނުކުތްތަން ބަލަން އަހަންނަށް ފެންކަޅިވެފައި ބަލަހައްޓައިގެން އޮވެވުނެވެ. މާމަ ދިޔުމާއިއެކު އަހަރެން ހިފަހައްޓަމުން އައި ކަރުނަތައް އޭގެ މަގާމުން އޮހިގަތެވެ. ރޮމުން ގިސްލަމުން އަހަންނަށް ބަލާލެވުނީ އަހަރެންގެ ކައިރީގައި ނިދާފައިތިބި ތުއްތު ތުއްތު ދެފުރާނައަށެވެ. އެމާމަ ނެތްނަމަ އަހަރެން މި ދެކުދިން ބަލާނީ ކިހިނެއްހޭ އަހަރެންގެ ހިތަށް އެރިއެވެ. މިއީ އަބަދުވެސް އަހަރެންގެ ހިތަށްއަރާ އެއްޗެކެވެ. މިދެކުދިން މިދުނިޔެއަށް އުފަންވި ދުވަހުން ފެށިގެންނެވެ. އަހަރެން އެންމެ އެކަނިވެރިވީ ދުވަހު އަހަންނަށް އަޅާލުމާއި މައެއްގެ ލޯތްބާއި ބަފައެއްގެ އެހީތެރިކަންދޭ މީހަކީ އަހަރެންގެ އެމުސްކުޅި މާމައެވެ. އަހަންނަށް ވެވުނު ކުށަށް މަޢާފުކުރަމުން އަހަންނާއި އަހަރެންގެ ދެކުދިން އެމާމަގެ ޚަރަދުގައި ބަލަމުން ގެންދަނީ ހެޔޮހިތުންނެވެ. މާމަ އަހަންނަށް ޚަރަދުކުރަނީ މާމަ ހައްޖަށްދާން އެއްކޮށްފައިވާ ލާރިންނެވެ. ހިތުގައި އެއްވެސް ބުރަކަމެއްނެތި އެމާމަގެ ދުލުން ބޭރުވާ ބަސްތަކާއި ލޯބިވެތި ފިރުމުންތައްވެސް އެއަށްވުރެ އަހަންނަށް މާއަގުބޮޑެވެ.

އަހަރެންގެ ނަމަކީ މިސްކާއެވެ. އަހަރެންގެ ރަށަކީ ރާއްޖޭގެ އުތުރުން މަޝްހޫރު ރަށެކެވެ. އަހަންނަކީ އަހަރެންގެ މަންމަޔާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ އަހަރެންގެ ޅައުމުރުގައި ނިޔާވެއްޖެވެ. އެމަންމަގެ ފިރުމުންތަކުގެ ހަނދާނެއްވެސް އަހަރެން ނުހުރެވެ. ސިފަވެސް އަހަނަށް އެނގެނީ ހަމައެކަނި ފޮޓޯތަކުންނެވެ. ދެން އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ ބައްޕަޔާއި މާމައެވެ. ބައްޕަޔަކީ މަސްވެރިއެކެވެ. މަސްބާނާ ކަމަށްވަންޏާމުން ބައްޕަޔަށް ފުދޭވަރެއްގެ އާމްދަނީއެއްލިބެއެވެ. އެއިން ބައްޕަ އަހަރެންގެ ހުރިހާ ކަމެއް ކޮށްދެއެވެ. އަހަންނަށް އެއްވެސްއެއްޗެއް މަދުނުކުރެއެވެ. އަހަންނަށް ފުރިހަމަޔަށް ކިޔަވައިދީ ރަނގަޅު ތަރުބިއްޔަތެއްދިނެވެ. މާމަ ހުރުމުން މައެއްގެ އުނިކަމެއްވެސް އަހަންނަށް އިޙުސާސް ކުރާކަށް ނުޖެހެއެވެ. އެމާމަ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. އެދެމީހުންގެ ލޯތްބާއި އަޅާލުމުން އަހަރެން ދިރިއުޅެމުން ގެންދިޔައީ ވަރަށް އުފަލާއި މަޖަލުގައެވެ.

އަހަންނަށް ސިހިފައި ބަލާލެވުނީ ދޮރު ހުޅުވުނުއަޑަށެވެ. އެރު މާމަ ކާއެއްޗެހި ހިފައިގެން އެތެރެއަށް ވަންނަނީއެވެ. މާމަ ފެނުމާއިއެކު އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަގުތުން ފޮހެލީމެވެ. ވަރަށް ސިއްރުންނެވެ. ނަމަވެސް މާމަޔަށް އެމަންޒަރު ފެނުނެވެ. މާމަ އަހަރެން ކައިރިޔަށް އައުމުން އަހަރެން ތެދުވެލީމެވެ. މާމަ ކުޑަ މޭޒު ކައިރިކޮށްލާފައި އޭގެ މަތީގައި ކާއެއްޗެހި ބެހެއްޓިއެވެ. އަދި އަހަރެންގެ މަގަތުގައި އިށީނެވެ. ''ދަރިފުޅާ..... އަދިވެސް ދަރިފުޅު ތިހިތާމަތަކުން ދުރަށްދާކަށް ނުވޭތަ؟ ދަރިފުޅު ހިތާމަ ކުރާތީއޭ ދަރިފުޅުގެ ހަށިގަނޑުވެސް ހިކި އަނަރޫފަވަމުން ތިދަނީ.....'' މާމަ އޯގާތެރިކަމާއިއެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. މާމަގެ ޖުމްލަ ފުރިހަމަ ނުވަނީވެސް އަހަރެންގެ ލޮލުން ކަރުނަ އޮހިގަތެވެ. ''ބަލާބަލަ... މިއޮތް ލޯބި ދެކުދިން...... މިއަދު މިދެކުދިންނަކީ ދަރިފުޅުގެ ޒިންމާއެއް. ދަރިފުޅު ތިހާ ނިކަމެތިވެގެން މިދެކުދިން ބަލާނީ ކިހިނެއް.... މާމަ ބުނީމެއްނު މާޒީގައި ވެދިޔަ ކަންތައް ހަނދާންނައްތާލާށޭ...... އާފެށުމަކުން ދިރިއުޅުން ފަށާށޭ..... މިދެކުދިންގެ ހައްގުގައި ދަރިފުޅު ޖެހޭނެ ދަރިފުޅުގެ މުސްތަޤުބަލާއިމެދު ވިސްނަން... ކޮންމެ ގޮތެއް ވިޔަސް މާމަގެ އެންމެ ފަހު ނޭވަޔާއި ޖެހެންދެން މާމަ ދަރިފުޅާއި އެކުގައި ވާނަން...'' މާމަ އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ލޯބިން ފޮހެމުން ދިޔައެވެ. ނަމަވެސް މާމަގެ އޯގާތެރި ފިރުމުންތަކުން އަހަންނަށް މާބޮޑަށް ގިސްލެވުނެވެ. ''މާމާ... އަހަރެން އަބަދު ވިސްނަނީ ތިކަމާއި.... މިއަދު މާމަ ތިވަނީ މުސްކުޅިވެ ގައިން ބާރު ދޫވެފައި... މާމަގެ ފަހުވަގުތު ތިވަނީ ކައިރިވެފައި.... މާމަ ނެތް ދުވަހަކުން އަހަރެން މި ދެކުދިންނާއިގެން ދިރިއުޅޭނީ ކިހިނެއް؟ އަހަރެންގެ އަމިއްލަ ނަފުސު އެކަނިނަމަ ކޮންމެ ގޮތަކަށްވެސް އުޅެވުނީސް.... ނަމަވެސް.....'' އަހަނަށް ގިސްލަމުން ބަލާލެވުނީ އެނދުގައި އަރާމު ފުން ނިންޖަކުން ނިދާފައި ތިބި ދެކުދިންނަށެވެ. އަހަރެންގެ ހިތާމަތަކަށް ކެތް ނުވެގެން މާމައަށްވެސް ރޮވުނެވެ. ''ދަރިފުޅާ..... ދެރަނުވޭ.... މާތް ﷲ އެއްވެސް އިންސާނަކަށް އެއިންސާނަކަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ނުޖައްސަވާނެ.... ދަރިން ދެއްވާ ގޮތަށް އެދަރިންގެ ރިޒުޤުވެސް އެކަލާންގެ ދެއްވާނެ... އިރާދަ ކުރެއްވިއްޔާ މާމަ ނެތަސް ދަރިފުޅަށް ދެރަގޮތެއް މެދުވެރި ނުވާނެ. ދަރިފުޅުގެ މިދެކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއްދީ ހެޔޮގޮތުގައި ބަލާތި. އެކަން ވެވޭނީ ދަރިފުޅުގެ އަޒުމް ވަރުގަދަވެގެން. ހިތްވަރުކޮށްގެން...'' މާމަ ކަރުނަ ފޮހެލާފައި އަހަރެން ކައިރީގައި ކާން ބުންޏެވެ. މާމަގެ ކުރިމަތީގައި އަހަރެން ބަނޑު ފުރޭވަރަށް ކެއީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. ކައި ނިމެންދެން މާމަ އަހަންނަށް ބަލަންއިނެވެ. އެލޮލުން އެމާމަގެ ހިތާމަތައް އަހަންނަށް މާރަނގަޅަށްވެސް ފެނެއެވެ. އެހިތުގައިވާ ހިތާމަތައް އަހަންނާއި ހިއްސާ ނުކުރިޔަސް އަހަންނަށް ސިއްރުން މާމަ ރޮއެ ހިތާމަ ކުރާތަން އަހަންނަށް ފެންނާތީއެވެ. އަހަރެން އެންމެ ދެރަވަނީ އެކަމާއިއެވެ. މާމަ އަހަރެން ކައި ނިމުމުން ތަށި ހިފައިގެން ބޭރަށް ނުކުތެވެ. އަހަރެން ވަނީ ފާޚަނާއަށެވެ. އަހަރެންގެ ސޫރަ ލޯގަނޑުން ފެންނަ ކޮންމެފަހަރަކު އެސޫރައަށް ބަލަހައްޓައިގެން އަހަންނަށް އިރުކޮޅަކު ހުރެވެއެވެ. ބައެއްފަހަރު އެސޫރަޔަށް ބަލަން ޖެހިލުންވެސް ވެއެވެ. އަހަރެން ބަލާލާފައި އަހަންނަކީ ނާވާރައަހަރުގެ އަންހެން ކުއްޖެކޭ އެކަކުވެސް ނުބުނާނެވެ. ހީވަނީ ބައްތިރީސް އަހަރުވެފައިވާ ހެންނެވެ. ހިކިގެންގޮސް އަހަރެންގެ ހަށިގަނޑުގައިވާ ކަށިތައް ރީއްޗަށް ފެންނަން ހުރެއެވެ. މޫނުގައި ރޫތައް ގިނަވެ ކޯވެސް ހުންނަނީ އެތެރެއަށް ވަދެފައެވެ. ލޮލުގެ ކައިރި ކަޅުވެފައި އެތެރެއަށް ވަދެފައިވެއެވެ. އަހަރެންގެ ހަށިގަނޑަށް މިހާބޮޑު ބަދަލުތަކެއް އައީ އަހަރެން ވިހައިގެން ފާއިތުމިވީ ތިންމަސްތެރޭގައެވެ.

ފާޚަނާއިން އަހަރެން ނުކުތްއިރު މާމަ އެނދުގައި އޮތެވެ. އަހަރެން ބަނޑުބޮނޑުވީ އިރުއްސުރެން ފަށައިގެން މާމަ ނިދަނީ އަހަރެންގެ ކައިރީގައެވެ. ހޮޅިބުރި ނިއްވާލުމަށްފަހު ނިދާބޮކި ޖައްސާލާފައި އައިސް އަހަރެންވެސް އެނދުގައި އޮށޯތީމެވެ. ނިދޭތޯ ދެލޯމަރައިގެން އޮތީމެވެ. ނަމަވެސް ނުނިދުނެވެ. ޚިޔާލުތަކުން ސިކުޑި ބަރުވެފައިވާތީއެވެ. ޝަކުވާތަކުންނާއި ހިތާމައިން ހިތް ފުރިފައިވާތީއެވެ. އަހަންނަށް ވިސްނެމުން ދިޔައީ އަހަރެން ދިރިއުޅުމާއި ދޭތެރޭގައެވެ. އަހަރެންގެ މަޒީއާއި ދޭތެރޭގައެވެ.

އަހަރެންގެ އުފަލުގައި ހިތާމައިގެ ސިއްކަޖެހި ދިރިއުޅުން ބަދަލުވީ ލޯތްބޭ މިކިޔާ ވަބާގައި އަހަރެން ޖެހުމުންނެވެ. އޭރު އަހަރެން އުޅުނީ ޡާނަވީ ފެންވަރަށް ކިޔެވުން ނިންމާލާފައި ރަށު ހޮސްޕިޓަލުގައި ވަޒީފާގައެވެ. އެތާގައި އަހަރެން އުޅުނީ ޑޮކްޓަރުންގެ އެހީތެރިއަކަށެވެ. އަހަރެން ވަޒީފާގައި އުޅޭތާ އެއްއަހަރު ފަހުން އެހޮސްޕިޓަލަށް މާލޭގެ ދެ ޑޮކްޓަރެއް އައެވެ. ދެމަސް ވަންދެން އެމީހުން ހޮސްޕިޓަލުގައި ބަލިމީހުން ބެލިއެވެ. އޭގެ ތެރެއިން އެކަކީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޝަޔާންއެވެ. އިއްތިފާގުން އޭނާގެ އެހީތެރިޔަކަށް ހުންނަން ޖެހުނީ އަހަންނަށެވެ. އޭނާ ކިޔެވުން ނިންމާލާފައި ޖޮއިންކުރީ ހަމައެއަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ޚާއްސަ ކަމެއް އުފެދުނެވެ. އޭނާގެ ރީތި ސޫރައިންނެވެ. އަންހެންކުދިންގެ ހިތް ކަތިލާލާ ކަހަލަ ރީތި ސޫރައެއް ޤުދްރަތުން އޭނާއަށް ލިބިފައިވެއެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. އޭނާގެ ވާހަކަ ދެއްކުމާއި މިޒާޖުގައި އަޚްލާގް ރަނގަޅު ގޮތްތަކެއް ހުރެއެވެ. އޭނާގެ ބެލުމުގައިވެސް ހިތްދަމައިގަންނަ ކަހަލަ ގޮތެއް ހުރެއެވެ. އޭނާގެ ފުރަތަމަ ބެލުމުންވެސް އަހަރެންގެ ހިތް ކަތިލެވުނީ އެހެންވެއެވެ. އެދުވަހުން ފަށައިގެން އަހަންނަށް ޝަޔާންއާއި ދޭތެރޭ ވިސްނެން ފެށުނެވެ. އޭނާގެ ބެލުމަކަށް އިންތިޒާރު ކުރެވެން ފެށުނެވެ.

ހޮސްޕޓަލުގައި އުޅޭ ޒުވާން އަންހެންކުދިން އަހަންނެކޭ އެއްފަދައިން އޭނާއަށް ހިތްކިޔަމުން ދިޔައެވެ. ސިއްރުންނާއި ފާޅުގައެވެ. އެމީހުން އެއްގޮތުން ނޫނީ އަނެއްގޮތުން އޭނަޔާއި ވާހަކަދައްކަން މަސައްކަތް ކުރެއެވެ. ކަންބަލަން އަހަރެން ދުރުގައި ހުންނަނީ ފާޑަކަށް އެކުދިންނަށް ރުޅިއައިސްފައެވެ. އެއީ އަހަންނާއި އަޅާ ބަލާއިރު އެކުދިން ހާސްބައި ރީތިވީމައެވެ. އަހަރެންގެ ހަށިގަނޑުގެ ކުލަ އަނދިރިއެވެ. ޤުދްރަތުން އަހަންނަށް އެކުދިންހާ ފުރިހަމަކަމެއް ދެއްވާފައި ނުވިޔަސް އަހަންނަކީ ހުތުރު ކުއްޖެކޭ ބުނާވަރު ނުވެއެވެ. ރީތި ވުމަށްޓަކައި އަހަރެންވެސް އެތަކެއް މަސައްކަތެއް ކުރަމެވެ. ނަމަވެސް ސުކޫލް ދައުރު ނިމުނުއިރުވެސް އެއްވެސް ކުއްޖަކު އަހަންނަށް ހިތްކިޔާފައި ނުވެއެވެ. އަބަދުވެސް ކުދިން އަހަންނާއި ވާހަކަ ދައްކާނީ އަހަރެންގެ އެނމެ ގާތް އެކުވެރިޔާއާއި ވާހަކަދެއްކުމަށްޓަކައެވެ. އެއީ ރަނާއެވެ. ރަނާއަކީ ރީތިކަން އިންތިހާޔަށް ލިބިފައިވާ ކުއްޖެކެވެ. އެރީތިކަމުގެ ފައިދާވެސް އޭނާ އެހާފުރިހަމަޔަށް ބޭނުންކުރެއެވެ. އަހަންނަށްވެސް އެފަދަ ނަސީބެއް ލިބިފައިވާނަމައޭ ހިތަށް އަބަދުވެސް އަރައެވެ. ރަނާގެ ހަޔާތަށް އަންނަ ރީތި ކުދިން ފަދަ ކުއްޖެއްގެ ބައިވެރިޔަކަށް ވުމަށް އަހަރެންގެ ހިތްވެސް އަބަދު އެދެއެވެ. ޝަޔާންއަށް އަހަރެންގެ ހިތްދެވުނީވެސް ހަމަ މިހެންނެވެ. އަހަރެން ކިތަންމެ ބޭނުންވިޔަސް ޝަޔާންގެ ފަރާތުން އަހަންނަށް އެއްވެސް އިޝާރާތެއް ނުލިބެއެވެ. ލިބޭނީވެސް ކިހިނެއް ހެއްޔެވެ؟ އެހާ ރީތި ކުދިން ވަށައިގެން ތިއްބާ އަހަރެންކަހަލަ ކުއްޖަކު އޭނާގެ ލޮލުގައި އަޅައިގަންނާނެހެއްޔެވެ! ޝަޔާންއާއި އެންމެ ކައިރީގައި އަހަރެން އުޅުނަސް އަހަރުމެން ދެމީހުން ދޭތެރޭގައި ޕްރޮފެޝަނަލް ގުޅުން ފިޔަވައި އެހެން ގުޅުމެއް ނޯވެއެވެ. އަހަރެން އޭނަޔާއި ވާހަކަދައްކަނީވެސް ވަރަށް މަޑުން ލަދުން ހުރެއެވެ. ދައްކަންޖެހޭ މުހިންމު ވާހަކަތައްވެސް ގިނަފަހަރަށް އަހަންނަށް އޭނަޔާއި ދައްކާކަށް ނުކެރެއެވެ. އޭނަ ހުންނަލެއް މަޑުމައިތިރި ކަމުންނެވެ.

ތިންހަފްތާ ފާއިތުވީއިރު އަހަރުމެން ދެމީހުން ދޭތެރޭގައި އޮތް ބީރައްޓެހިކަން އަހަރެން ހީކުރިވަރަށްވުރެ ދުރުވިއެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައިގެ އިތުރުން އޭނާ އަހަންނާއި ވާހަކަދައްކައެވެ. އަހަންނަށް ހެވޭކަހަލަ ބަސްތައް ބުނެއެވެ. އަހަންނަކީ އެހެންކުދިންނާއި ވަރަށް ތަފާތު ކުއްޖެކޭ އޭނާ ބުނެއެވެ. ފެންނަ ފެނުމުންނާއި މިޒާޖުންނެވެ. އަދި އަހަންނަކީ ގާތް ރައްޓެއްސެއްގެ ގޮތުގައި ދެކެން ބަރާބަރު ކުއްޖެކޭވެސް އޭނާ ބުންޏެވެ. އޭނާގެ އެވާހަކަތަކުން އަހަރެންގެ ހިތް މުޅިން ފަތަހަ ކުރިއެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ހިތް އޭނާޔަށް ދީވާނާ ވަމުން ދިޔައީ އަހަރެންގެ އިޚްތިޔާރުން ބޭރުގައެވެ. ބަލިމީހަކުނެތި އެކަނިވާ ގަޑިތަކުގައި ކުރިން އަހަރެން ދަނީ ބޭރަށެވެ. ނަމަވެސް ފަހުންއައިސް އަހަރެން މަޑުކުރަނީ އެތެރޭގައެވެ. ޝަޔާންގެ އެދުމުގެ މަތިންނެވެ. އޭނާއާއި ވާހަކަދައްކަން ވެގެންނެވެ. ދުވަހެއް ދުވަހަކަށް އަހަރުމެންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންގެ ދޭތެރޭގައި ގާތް ރަޚްމަތްތެރި ކަމުގެ ގުޅުމެއް އުފެދުނެވެ. އަހަރެން އެކަމާއި ވަރަށް އުފާވިއެވެ. އެއީ ލޯބީގެ ފެށުމަކީ ރަޚްމަތްތެރިކަން ކަމުގައި އަހަރެން ގަބޫލުކުރާތީއެވެ. އަހަރެން ހީކުރި ގޮތާއި ޝަޔާން މުޅިން ޚިލާފެވެ. އެއީ ވަރަށް ސަމާސާގޮތް ހުންނަ މަޖާ މިޒާޖެއްގެ ވެރިއެކެވެ. މަޑުން އޭނާ ހުންނަނީ ނުދަންނަމީހުންގެ ތެރޭގައެވެ. ޝަޔާން އޭނާގެ ޙަޔާތުގެ ސޮފްހާތައްވެސް އަހަންނާއި ޙިއްސާކުރިއެވެ. ޢާއިލާގެ ވާހަކަޔާއި ދިރިއުޅުމުގެ ވާހަކައެވެ. އޭނާ ހުރީ ހުސްކޮށް ކަމާއި، ކުރިން އޭނާގެ ޙަޔާތަށް ތިން ކުއްޖަކުއައި ވާހަކަ އޭނާ ބުންޏެވެ. ވަރަށް ހެވިލާފައެވެ. ނަމަވެސް އެކި މައްސަލަތަކުގައި އެކުދިންނާއި ވަކިވާން ޖެހުނީކަމުގައި އޭނާ ބުންޏެވެ. އަހަރެން އެމައްސަލަތަކެއް ނާހަމެވެ. އެވަގުތު އެކަން ބަލަން ޝައުގުވެރިނުވީއެވެ. ޝަޔާން ހުރީ ހުސްކޮށް ކަން އެނގުމުން އަހަރެންގެ ހިތަށް ލިބުނު ހިންހަމަޖެހުން ބަޔާންކުރަން ދައްޗެވެ. ޝަޔާންގެ ލޯބި ލިބިދާނެކަމަށް އުންމީދު ނުކުރެވުނަސް ދުރުން ކުޑަ އަލިކަމެއް ފެންނާން ހުއްޓެވެ. އޭރު ޝަޔާންގެ އުމުރަކީ ތޭވީސް އަހަރެވެ. އަހަންނަށް އޭރުވާނީ އަށާރަ އަހަރެވެ. އަހަރެންވެސް އަހަރެންގެ ޙަޔާތުގެ ވާހަކަތައް އޭނަޔާއި ޙިއްސާކުރީމެވެ. އަހަރެން އެއްވެސް ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިފައި ނުވާވާހަކަ ބުނުމުން އޭނާ ގަބޫލެއްވެސް ނުކުރިއެވެ. އަހަރެން ކަހަލަ ކުއްޖަކުވެސް ހުރެދާނެ ކަމަށް އޭނާ އުންމީދު ނުކުރާވާހަކަ ބުންޏެވެ.

އެއްދުވަހެއްގެ ހަވީރުވަގުތެވެ. ބަލިމީހުން ނިމުމާއިއެކު އަހަރެން ދާންއުޅުނު ތަނުން ޝަޔާން އަހަރެން މަޑުކުރުވިއެވެ. އޭނާ އަހަރެންގެ ކައިރީގައި ވާހަކައެއް އަހަންބޭނުންވެފައިވާ ވާހަކަ ބުންޏެވެ. އަހަރެން އަވަހަށް އަހާށޭ ބުނީމެވެ. އޭނާއިނީ ސީދާ އަހަންނާއި ދިމާލަށް ބަލައްޓައިގެންނެވެ. އޭނާ އަހަރެން ކައިރިން އެހީ އަހަރެން ލޯބިވާ ކުއްޖަކު ހުންނަތޯއެވެ. އެވަގުތު އަހަރެން ވަރަށް ލަދުގަތެވެ. ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ނަމަވެސް އޭނާ އެސުވާލުކުރީ ކީއްވެގެންކަމެއް އެވަގުތު އަހަރެންގެ ހިތަކަށް ނޭރިއެވެ. ހިތަށް ހަމައެކަނި އެރީ ކުރިންދުވަހު އަހަރެން ކުއްޖަކާއި ރައްޓެހި ނުވާވާހަކަ ބުންޏަސް މީހަކުދެކެ ލޯބިނުވާ ވާހަކައެއް އޭނާ ކައިރީގައި ނުބުނާކަމެވެ. އޭނާ ދެވަނަ ފަހަރަށްވެސް އެހިއެވެ. އަހަރެން އިންތަނުން ތެދުވެލީމެވެ. އަދި އަހަރެން ކަހަލަ ކުއްޖަކު މީހަކުދެކެ ލޯބިވިޔަސް އެލޯބި ހާސިލް ވުމަކީ ނުވާނެކަމެއްކަމުގައި އަހަރެން ވަރަށް ކެރިހުރެ ޖަވާބުދިނީމެވެ. އަހަރެންގެ ވާހަކަ ހުންނަގޮތުން އަހަރެން މާނަކުރީ ކީކޭކަން އޭނަޔަށް ރަނގަޅަށް އެނގޭނެއެވެ. އޭނަ ދެންވެސް ބުނީ އަހަރެން ދިނީ އޭނާ ކުރިސުވާލުގެ ޖަވާބެއް ނޫންކަމެވެ. އަހަރެން ވަރަށް ވިސްނާފައި ލޯބިވާ ކުއްޖަކު ނުހުންނަ ކަމުގައި ބުނީމެވެ. އިތުރު ސުވާލަކާއި ކުރިމަތި ނުލާންވެގެންނެވެ. އަހަރެން އެހެންބުނި ވަގުތު އޭނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވިތަން އަހަންނަށް ފެނުނެވެ. އަހަރެން ކުޑަކޮށް ހައިރާންވެސް ވިއެވެ.

އިތުރު ވާހަކައެއް އޭނާ ދެއްކުމުގެ ކުރިން އަހަރެން އެތަނުން ނުކުންނަން ހިނގައިގަތީމެވެ. އަހަރެންގެ ހިތުގެ ޙާލަތު އޭނާޔަށް އެނގިދާނެތީއެވެ. އަހަރެން ދޮރުން ނުކުތުމުގެ ކުރިން ޝަޔާން އަހަރެން ހުއްޓުވިއެވެ. އޭނާގެ ދުލުން ބޭރުކުރި ޖުމްލައަކުން ހުއްޓުންއެރީއެވެ. މުޅިމީހާ ގަނޑުވިކަހަލައެވެ. ''މިސްކާއަށް މީހަކު ލޯބި ހުށަހަޅައިފިއްޔާމުން ގަބޫލުކޮށްފާނަންތަ؟......'' އަހަންނަށް ޝަޔާންބުނި އެއްޗެއް ގަބޫލުކުރަން ދަތިވިއެވެ. ފަސްއެނބުރި އޭނާއަށް އަހަރެން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަހަންނަށް ކީކޭހޭ އަހާލެވުނެވެ. އެވަގުތު ޝަޔާން އޭނާ ބުނިއެއްޗެއް ދެވަނަފަހަރަށް ތަކުރާރުކޮށްލިއެވެ. ގަބޫލުކުރަން ދަތިވެފައި އަހަންނަށް އަހާލެވުނީ ކާކުހޭއެވެ. ޝަޔާން އިންތަނުން ތެދުވެގެން އައިސް އަހަރެންގެ ކައިރިޔަށް ހުއްޓުނެވެ. ''އަހަރެން... އާނ.... އަހަންނަށް މިސްކާދެކެ ލޯބިވެވިއްޖެ. ނޭގޭ ކިހިނެއް، ކޮންއިރަކުކަމެއް... މިސްކާ ކިބައިގައިވާ ނޭނގޭ ބާރަކުން އަހަރެންގެ ހިތް ފަތަހަކޮށްފި.... އަހަންނަށް ރޭދުވާ ވިސްނެނީ މިސްކާއާއި ދޭތެރޭ.... މިދުވަސްކޮޅު ހަމަޔަކަށް ނުވެސް ނިދޭ.....'' ޝަޔާންގެ ދުލުން ބޭރުވަމުންދިޔަ ޖުމްލަތައް އަޑުއަހަން އަހަންނަށް ހުރެވުނީ ގަނޑުވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. އެއީ ހުވަފެނެއް ނޫންބާވައޭވެސް އަހަރެންގެ ހިތަށް އެތައް ހާސްފަހަރަކުއެރިއެވެ. އެއީ ހަގީގަތުގައި އިވުނު ބަސްތަކެއްކަން އެނގުނީ ޝަޔާން އަހަރެންގެ އަތުގައި ހިފާލުމުންނެވެ. ''ކީކޭ މިސްކާ ބުނަނީ؟ އަހަރެންގެ ލޯބި ގަބޫލު ކުރާނަންތަ؟'' ޝަޔާން އަހަންނަށް ބަލަމުންދިޔައެވެ. ''ޝަޔާން އަހަންނާއި ސަމާސާ ކުރަނީތަ؟'' އަހަންނަށް ޝަޔާން ބުނިއެއްޗެއް ގަބޫލުކުރަން ދަތިވިއެވެ. ''މިއީ ސަމާސާއެއްނޫން. ހަމަ ހަގީގަތުގައިވެސް އަހަންނަށް މިސްކާދެކެ ލޯބި ވެވިއްޖެ.'' ޝަޔާން ވަރަށް އަސަރާއިއެކު ބުންޏެވެ. އެފަދަ އަސަރެއް އޭނާގެ މޫނުމަތިން އަހަރެން ކުރިން ނުދެކެމެވެ. ''މިހާރު ޖަވާބުނުދިނަސް ހެޔޮ. ވިސްނާލާފައި މާދަމާ ޖަވާބެއްދީ. މިސްކާގެ ކޮންމެ ޖަވާބަކަށް އަހަރެން ހިތުން ރުމުން ގަބޫލުވާނަން. އެކަމަކު މިސްކާގެ ޖަވާބު ކޮންމެ ގޮތަކަށް އައިކަމުގައި ވިޔަސް އަހަރުމެންގެ ރަޚުމަތްތެރިކަމަށް އެކަމުގެ އަސަރު ކޮށްގެން ނުވާނެ.'' ޝަޔާން އަހަރެންގެ އަތުން ދުކޮށްލިއެވެ. އަހަރެން އިތުރަށް އެތަނުގައި މަޑުނުކޮށް ނުކުތީމެވެ. ދޮރުން ބޭރަށް ނުކުމެ އަހަންނަށް ހިންހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޙަޔާތުގައި ފުރަތަމަފަހަރަށް އެކަހަލަ ތަޖުރިބާއެއް ކުރަންޖެހުމުން އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. ނަމަވެސް އަހަރެންގެ ހިތް އޭރު އުފަލުން ނަށަމުންދިޔައެވެ. ކިތަންމެ އެދުނު ކަމުގައިވިޔަސް އެވަގުތު އަހަރެން ޝަޔާންގެ ލޯބި ގަބޫލުކޮށް އަހަރެންވެސް އޭނާދެކެ ލޯބިވާ ވާހަކަ ނުބުނީ އެކަމާއި އަހަރެން ވިސްނަން ބޭނުންވާތީއެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ ކަމަކަށް ވާތީއެވެ. އެހެންނޫނަސް ޝަޔާންފަދަ ކުއްޖަކު އަހަރެން ދެކެ ލޯބިވެދާނެކަމަށް އަހަރެންހުރީ ގަބޫލުކުރަން ދަތިވެފައެވެ.

އެރޭ އަހަރެން ހޭދަކުރީ ހަމައެކަނި ޝަޔާންއާއި ދޭތެރޭ ވިސްނުމުގައެވެ. ޝަޔާންއަށް ހިތްދެވުނަސް ޝަޔާންއާއި އަހަންނާއި  ދޭތެރޭގައި ހާސްބައި ތަފާތުހުރިކަން އަހަރެން ހަނދާން ނައްތައެއް ނުލަމެވެ. އޭނާއަކީ މާލޭގެ މުއްސަދި ޢާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. އަހަރެން އޭނަޔާއި ގުޅުނަސް އޭނާގެ މައިންބަފައިން އަހަރެން ގަބޫލުނުކުރާނެކަން ކަށަވަރެވެ. ޝަޔާންގެ ވާހަކަތަކުން އޭނާގެ މައިންބަފައިންގެ ގޮތް ކޮންމެވެސް ވަރަކަށް އަހަންނަށް އެނގިފައިވެއެވެ. އެހެންނޫނަސް މުއްސަދި ޢާއިލާއަކުން ފަގީރު ދެރަނިކަމެތި ކުއްޖަކު ގަބޫލު ކުރާނެހެއްޔެވެ؟ އެވެސް އަހަރެން ކަހަލަ ކުއްޖެކެވެ. ރާއްޖޭގައި ނުލާހިކު ރީތި ކުދިން އެބަތިއްބެވެ. ޝަޔާން ބޭނުން ކޮންމެ ކުއްޖަކު އޭނާޔަށް ލިބިދާނެވެ. އޭނާ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވަނީބާއޭ، ނޫނީ ވަގުތީ އުފަލަކަށް އަހަރެން ބޭނުންކޮށްލަން އުޅެނީބާއޭ އަހަރެންގެ ހިތަށްއެރިއެވެ. ޝަޔާންއާއިއެކު ހޭދަވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އޭނާގެ މިޒާޖު އަހަންނަށް ވަރަށް ރަނގަޅަށް ދަސްވިއެވެ. އޭނާ އެފަދަ ލަނޑެއް އަހަންނަށް ނުދޭނެއޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އަހަރެންގެ ސިކުޑީގައި މިކަހަލަ އެތަކެއް ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ. ގޮތެއް ނިންމަން އަހަންނަށް އުނދަގޫވީ އަހަރެންގެ ޢާއިލާއާއި، މުސްތަޤުބަލާއި ދޭތެރޭ ވިސްނާފައެވެ. މެންދަމުން އަލިވެ ދޭއްޖެހީވެސް އަހަރެން އެފިކުރުގައި އޮއްވައެވެ.

އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. ވަރަށް ވިސްނާފައެވެ. އޭރު ފަތިސް ނަމާދަށް ބަންގިގޮވަން ކައިރިވެއްޖެވެ. ގޮތެއް ނިންމުމުން އަހަރެންގެ ސިކުޑިއަށް ކުޑަ ލުޔެއް ލިބުނެވެ. އެއާއިއެކު އަހަންނަށް ވަރަށް ފަސޭހައިން ނިދުނެވެ. ޖެހިގެން އައި ދުވަހު އަހަރެންގެ ޑިޔުޓީއިނީ ރޭނގަޑުގައެވެ. ވަގުތު ކައިރި ވަމުން އައި ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސް ވަމުންދިޔައެވެ. ޝަޔާންއާއި އަހަރެން ކުރިމަތިލާނީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. އޭނާ ފެނުމުން ވާނެ ގޮތެއްވެސް ނޭނގެއެވެ. ޑިޔުޓީގަޑީގެ އެއްގަޑިއިރު ކުރިން އަހަރެން ހޮސްޕިޓަލަށް ދިޔައީ ޝަޔާންއާއި ބައްދަލުވުމުގެ ކުރިން ކުޑަކޮށް ހަމަޖެހިލުމަށްޓަކައެވެ. އަހަރެން މަޑުކޮށްލީ ކައުންޓަރުގައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް އަހަންނަށް އެދުވަހު އިޙުސާސް ކުރެވުނީ ހުރިހާ ކަމެއްވެސް ބަދަލު ވެފައިވާ ހެންނެވެ. އަމިއްލަ ވިސްނުމާއި، މީހުންނާއި، މާހައުލެވެ. އެމާހައުލުގައިވާ ވައިވެސް އަހަންނަށް އިހުސާސު ކުރެވުނީ ތަފާތު ގޮތަކަށެވެ. މީހާހުރީ އެއްކޮށް ހާސްވެފައެވެ. ހަށިގަނޑުވެސް ތުރުތުރު އަޅާހެން ބައެއްފަހަރު ހީވެއެވެ. ކައުންޓަރުގައި ތިބި ކުދިން އަހަރެން ކައިރިން ޝަޔާންގެ ވާހަކަތައް އެހިއެވެ. އަބަދުވެސް އަހާ ފަދައިންނެވެ. އަހަރެން އެމީހުންނާއި އެއްވެސް ވާހަކައެއް ޙިއްސާ ނުކުރަމެވެ. އަހަރެންގެ ހުރިހާ ވާހަކައެއް އަހަރެން ޙިއްސާ ކުރަނީ ހަމައެކަނި ރަނާއާއި އެކަންޏެވެ.

ވަގުތު ދަމުންގޮސް ޝަޔާންވެސް ހޮސްޕިޓަލަށް އައެވެ. އޭނާ އައުމުގެ ކުރިން އަހަރެން ކައުންޓަރުން ދިޔައީމެވެ. އެދުވަހު އަހަންނަށް ވެފައި ހުރި ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. އަބަދު ޝަޔާންގެ މޫނުދެކެން އަހަރެން ކެތްމަދުވެފައި ހުންނައިރު އެދުވަހު އަހަރެން މަސައްކަތް ކުރީ އޭނާ ކުރިމައްޗަށް ނުޖެހި ވޭތޯއެވެ. ލޯތްބަކީ ހާދަ އެހެންކަހަލަ އިޙުސާސްއެކޭ އެދުވަހު އަހަރެންގެ ހިތަށްއެރިއެވެ. ކިތަންމެ ވަރަކަށް ކުރިމައްޗަށް ނުޖެހެން މަސައްކަތް ކުރިޔަސް ވަގުތު ޖެހުމުން އަހަންނަށް ޖެހުނީ އެކޮޓަރިޔަށް ދާށެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީމެވެ. ނަމަވެސް ޝަޔާންގެ މޫނަކަށް ނުބަލަމެވެ. ކޮޓަރީގައި ހޭދަވީ ކުޑަވުގުތުކޮޅުގެ ތެރޭގައި އަހަރުމެން ދެމީހުންގެ ދޭތެރޭގައި އޮތީ އާދަޔާއި ޚިލާފު ހަމަހިމޭންކަމެކެވެ. ޝަޔާން އެއްވެސް އެއްޗެއް  ނުބުނަނީ ކީއްވެހޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރަނީބާއޭވެސް ހިތަށްއެރިއެވެ. ނަސީބަކުން އެބީރައްޓެހިކަމުގައި މާގިނަ ވަގުތު ހޭދަނުވެ ބަލިމީހުން ބަލާން ފެއްޓުނެވެ. އެދުވަހު ތިބި ބަލިމީހުންގެ އަދަދުވެސް ފުދޭވަރަކަށް ގިނައެވެ.

އަހަންނަށް ދޭތެރެ ދޭތެރެއިން ޝަޔާންއަށް ބަލާލެވެއެވެ. އޭނާގެ ކިބައިން އެއްވެސް ތަފާތުކަމެއް ފެންނަން ހުރިތޯއެވެ. އެހެންދުވަސްދުވަހާއި ޚިލާފަށް އެދުވަހު އޭނާ މާރީތިހެން އަހަންނަށް ހީވިއެވެ. އޭނާގެ ނަޒަރުވެސް ދޭތެރެ ދޭތެރެއިން އަހަންނަށް ހުއްޓޭކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެކަކުވެސް ދުލުން އެކަކުއަނެކަކަށް އެކައްޗެކޭވެސް ނުބުނަމެވެ. ކިހާ ހައިރާންކުރުވަނިވި ހަމަހިމޭންކަމެއްހެއްޔެވެ! އެދުވަހު ބަލިމީހުން ބަލާ ނިމުނުއިރު ވަނީ ރޭނގަޑުން ދިހައެއް ޖަހަން ކައިރިވެފައެވެ. ޝަޔާން އިތުރު އެއްޗެކޭ ނުބުނާތީވެ އަހަރެން އުޅުނީ އެތަނުން ނުކުމެގެން ދާށެވެ. ނަމަވެސް އަހަރެން ހީކުރި ގޮތާއި ޚިލާފަށް ޝަޔާން އަހަރެން ހުއްޓުވިއެވެ. ''ކޮންގޮތަކަށް މިސްކާ ނިންމީ؟.....'' ޝަޔާންގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އަހަރެންގެ ހުރިހައި ހިއްސެއް ގަނޑުވިކަހަލައެވެ. ''ކޮންކަމެއް؟....'' އަހަރެން ނޭނގޭ ކަމަށް ހެދުނީމެވެ. އޭރުވެސް އަހަރެން ހުރީ ޝަޔާންއަށް ފުރަގަސްދީގެނެނެވެ. ''މިސްކާއަށް ނޭނގިގެންތަ ތިއަހަނީ؟.....'' ޝަޔާން ފަހަތުން އައިސް އަހަރެންގެ އަތުގައިހިފާ އަނބުރާލިއެވެ. އަހަރެން ހުރީ އިސްދަށަށް ޖަހައިގެންނެވެ. ''އަދިވެސް ގޮތެއް ނުނިންމެނީތަ؟ ނޫނީ ނޫނެކޭ ބުނަން ނުކެރެނީތަ؟....'' އަހަންނަށް ޝަޔާންއަށް ބަލާލެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އަހަރެން ވަގުތުން އެހެންދިމާލަކަށް ބެލީމެވެ. އެދެލޮލުގައި އެހެން ދުވަހާއި ޚިލާފަށް ހުރި ގަދަބާރުން ސަލާމަތް ވުމަށްޓަކައެވެ. އަހަރެން ދަބަހުން ކުޑަ ކަރުދާސް ކޮޅެއް ނަގާފައި ޝަޔާންއާއި ހަވާލު ކުރީމެވެ. އަދި އަހަރެންގެ ޖަވާބު އޭގައި ވާނޭކަމަށް ބުނީމެވެ. އެކަރުދާސްކޮޅު ފެނުމާއިއެކު ޝަޔާންގެ މޫނުމަތިން ކުލަވަރު ބަދަލުވިތަން އަހަރެން ދުށީމެވެ. ފަހަރުގައި އޭގައި އަހަރެން ލިޔުނުއެއްޗެއް އޭނާ ގެސްކޮށްލީ ކަންނޭގެއެވެ. އަހަރެން ދޮރުން ނުކުންނަމުން ފަސްއެނބުރި ބަލާލީމެވެ. އޭރު އޭނާ އެކަރުދާސްކޮޅު ނިއުޅުވާލައިފިއެވެ. ޝަޔާން އަހަންނާއި ދިމާލަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަހަރެންވެސް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ނުކުމެގެން ދިޔައީމެވެ.

އެކަރުދާސްކޮޅުގައި އަހަރެން ލިޔުނީ ކުރު ފޮނި އިބާރާތްކޮޅެކެވެ. ''ޝަޔާން އަހަރެންދެކެ ލޯބިވުމުގެ މާކުރިންވެސް އަހަރެންގެ ހިތްވަނީ ޝަޔާންއަށް ދެވިފައި. ޝަޔާންގެ ލޯބި ލިބިދާނެ ކަމަކަށް އަހަރެން ކުޑަވެސް އުންމީދެއް އޭރު ނުކުރަން. ޝަޔާންއަކީ އަހަރެންގެ ފުރަތަމަލޯބި. އަދި އަހަރެން ޝަޔާންދެކެ އިންތިހާޔަށް ލޯބިވަން. މުސްތަޤްބަލަށް ނުވިސްނާ އަހަރެން މިނިންމުން މިނިންމީ ޝަޔާންދެކެ ވާލޯބިން. ޝަޔާންއާއި އެކީ ކުޑަދުވަސްކޮޅެއް ހޭދަކޮށްލަން ލިބުނަސް އަހަންނަށް އަހަރެންގެ ދިރިއުޅުމުގެ ފަހުބައި ހިންހަމަޖެހުމާއިއެކު ކަޑައްތުކުރެވިދާނެ...'' ލިޔުމުން އަހަރެން ޖަވާބުދިނީ ދުލުން ޝަޔާންގެ ކުރިމަތީގައި ބުނަން ނުކެރިގެންނެވެ.

އަހަރެން ހޮސްޕިޓަލުން ނުކުތުމުގެ ކުރިން ޝަޔާންގެ މެސެޖެއް އައެވެ. ދަމުން އަހަރެން މެސެޖް ކިޔާލީމެވެ. ''ތޭންކްސް އަހަރެންގެ ލޯބި ގަބޫލުކުރީތީވެ. އަހަރެން މިސްކާއަށް ލޯބި ހުށަހެޅީ ކުޑަދުވަސްކޮޅަކު އުޅޭކަށް ނޫން. މުޅިއުމުރަށް އުޅޭން. މިސްކާދެކެ އަހަރެން ވަރަށް ލޯބިވަން.'' އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ. އުފަލުން އަހަރެން ފޮޅުނެވެ. ޝަޔާންގެ ޖުމްލަތައް ރަން އަކުރުން ފެވިގެން އަހަރެންގެ ހިތުގައި ލިޔެވުނެވެ. އޭނާދެކެވީ ލޯބި ދެގުނައަށް އިތުރުވިއެވެ. ހޮސްޕިޓަލުން ބޭރަށް ނުކުތްއިރު ބައްޕަ އަހަރެން ބަލާ އައިސް ހުއްޓެވެ. ރޭގަނޑު ޑިޔުޓީ އޮންނަ ކަމަށް ވަންޏާމުން ބައްޕަ އަބަދުވެސް އަހަރެން ބަލާއާދެއެވެ.

އަހަރެންގެ ޙަޔާތަށް ދެންއައީ އުފާވެރި ދުވަސްތަކެވެ. އަހަރެން އުންމީދު ކުރިވަރަށްވުރެ ބޮޑަށް އަހަންނަށް ޝަޔާންގެ ފަރާތުން އަޅާލުމާއި ލޯބި ލިބުނެވެ. ދެމީހުން ފޯނުން އެތައްއިރެއް ވަންދެން ވާހަކަދައްކަން ތިބެމެވެ. ލޯބީގައި އެތަކެއް ހުވާތަކެއް ކުރީމެވެ. އެހެން އެއްވެސް މީހަކަށް ހިލަމެއް ނުވާނޭގޮތަށް ބައެއް ދުވަސްދުވަހު އިރުއޮއްސޭ ގަޑީގައި ދެމީހުން އަތިރިމަތިން ބައްދަލުކުރަމެވެ. އެތަން އޮންނަނީ މީހުންއުޅޭ ހިސާބާއި ފުދޭވަރަކަށް ދުރުގައެވެ. އަހަރެން އޭނަޔާއި ބައްދަލުކުރަން ދަނީ ރަނާއާއި އެކީގައެވެ. ރަނާ ފިޔަވައި އަހަރުމެން ގުޅުމުގެ ވާހަކަ އެހެން އެއްވެސް މީހަކަށް ނޭނގޭނެވެ. އަހަރުމެން އުޅުނީ އެވަރަށް ބަލައިގެންނެވެ. އަހަރެން ބޭނުންވީ އަހަރުމެން ދެމީހުންގެ ލޯބި ކައިވެނިން އެހެންމީހުންނަށް ސަޕްރައިޒެއް ދިނުމަށެވެ. ޝަޔާންގެ ލޮބުވެތި ބަސްތަކާއި އޭނާގެ އޯގާތެރި ފިރުމުން ތަކުން އަހަރެން ދުވަހެއް ދުވަހަކަށް ދިޔައީ ވަޅުލެވެމުންނެވެ. އެލޯބީގައި ދީވާނާވަމުންނެވެ. އެލޯތްބަށްޓަކައި އަހަރެން ހުރީ ކޮންމެފަދަ ޤުރުބާނީއެއްވެސް ވާންތައްޔާރަށެވެ. އެހާވަރަށް އެލޯބި އަހަރެން ފަތަހަކުރިއެވެ. ޝަޔާންގެ ކޮންމެ ޢަމަލަކަށް އަހަރެން ހިތުން ރުހުމުން މަރުޙަބާކީ އޭނާއަކީ އަހަރެންގެ މުޅިއުމުރުގެ ބައިވެރިޔާ ކަމުގައި ދެކިގެންނެވެ.   

ދެން އައީ ނަރުހުންގެ ދުވަހެވެ. އެދުވަހުގެ މުނާސަބަތުގައި ހޮސްޕިޓަލުގެ ހުރިހާ ސްޓާފުން ދަތުރުދިޔައެވެ. އަހަރެން ދިޔައީ ރަނާވެސް ގޮވައިގެންނެވެ. ޢާއިލާއިން ކޮންމެ މީހަކަށްވެސް އެކަކު ގޮވައިގެން ދެވޭތީއެވެ. ރަނާ ގޮވައިގެން ދިޔުމުން ވަރަށް ގިނަކަންކަމަށް އަހަންނަށް މަގުފަހިވެގެން ދިޔައެވެ. އެދަތުރު ވެގެންދިޔައީ އަހަރެންގެ ޙަޔާތުގައި ލިޔެވުނު އެންމެ އުފާވެރި ސޮފްހާއަކަށެވެ. އަދިއެހާމެ ކަޅު ސޮފްހާއަށްވެސް މެއެވެ. ކޮންމެކަމެއްވެސް އޭގެ ހައްދުން ބޭރުވުމުން ހިތާމަކުރަންޖެހޭނެޔޭ މީހުން ބުނެއެއް ނޫންހެއްޔެވެ! އެއީ ކިހާވަރެއްގެ ޙަޤީގަތެއްކަން މިއަދު އަހަންނަށް އިޙުސާސް ކުރެވިއްޖެއެވެ. ޝަޔާންގެ ލޯބީގައި އަހަރެން ވެއްޓިގެން ދިޔައީ ކިހާފުން އަދަވަޅަކަށް ކަން އޭރު އަހަންނަށް އިޙުސާސު ނުކުރެވުނީތީ މިއަދު މިވަނީ ހިތާމަކުރަން ޖެހިފައެވެ. އެދަތުރުގައި އަހަރުމެން ދެމީހުންގެ ދޭތެރޭގައި ހިނގީ ހިނގައިގެން ނުވާނޭ ކަމެކެވެ. އެއީ ގަސްތުގައި ކުރަންވެގެން ކުރިކަމެއް ނޫނެވެ. އިޚްތިޔާރުން ބޭރުގައި ކުރެވުނީއެވެ. ނަމަވެސް ކުރެވުނުކަމެއް ބަދަލެއް ނުވާނެނޫން ހެއްޔެވެ! އޭގައި އޮތީ ޝަޔާންގެ ކުށެއްނޫނެވެ. އޭނާ އަހަންނާއި ކައިރިވީ އަހަރެންގެ ހުއްދައާއިއެކުގައެވެ. އޭނާގެ ކޮންމެ ފިރުމުމަކަށް އަހަރެން މަރުޙަބާކީ އުފަލުންނެވެ. ބޭނުންވެގެންނެވެ. އޭނަޔާއިމެދު އަހަންނަށް އޮތް ޔަގީން ކަމަށް އަހަންނަށް އަހަރެންގެ ހުރިހާއެއްޗެއް އޭނާއަށް ދެވުނެވެ. ނަމަވެސް ފަހުން އަހަރެން އެކަމާއި ދެރަވެ ހިތާމަކުރީމެވެ. އަހަރެންގެ ނަފުސާއި މެދު ވިސްނާނީ އަހަރެން ނޫންހެއްޔެވެ؟... ކުޑައިރުއްސުރެން ފަށައިގެން ބައްޕަޔާއި މާމަދިން އަގުހުރި ތަރުބިއްޔަތު އެދުވަހު ވެއްޔާއި މޮޑެވެވުނެވެ. މިހާހިސާބަށް ކަންތައް ދިޔައިރުވެސް އެކަކަށްވެސް ނޭގެއެވެ. ރަނާއަށްވެސް އަހަރުމެން ދެމީހުންގެ ތެރޭގައި އެފަދަ ގުޅުމެއް ހިނގިކަން ނޭނގޭނެވެ.  

އެދަތުރުގައި އަހަންނަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަންވެސް އޭރު އަހަންނަށް އިޙުސާސު ނުކުރެވެއެވެ. ފޮނި ހަނދާންތަކަކަށްފަހު ޝަޔާން ފުރާދުވަސް ކައިރިވިއެވެ. އަހަރެންގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. ޝަޔާން އަހަންނަށް ގެއްލެން އުޅޭހެން ހީވާތީއެވެ. ދުވަސް ކައިރިވީ ވަރަކަށް އަހަރެންގެ މޫނުމަތީގެ އުޖާލާކަން ކެނޑެމުން ދިޔައެވެ. ނަމަވެސް ޝަޔާންގެ ފަރާތުން އަހަންނަށް ލިބެމުންދިޔަ ލޯތްބަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެދުވަހަށްފަހު އޭނާގެ ހިތުގައި އަހަރެންގެ ލޯބި ދެގުނައަށް އިތުރު ވީވާހަކަ އޭނާ ބުންޏެވެ. އަދި އެއީ އެކަހަލަ ގޮތަކަށް އޭނާ ކުއްޖަކާއިއެކު އުޅުނު ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ބުންޏެވެ. އޭނާގެ ވާހަކަތަކުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ.

ޝަޔާން ފުރަންއޮތް ދުވަސްނޫން އަނެއްދުވަހު އަހަރުމެން ދެމީހުން އަތިރިން ބައްދަލު ކުރީމެވެ. އެދުވަހު އަހަރެން ހުރީ ވަރަށް ދެރަވެފައެވެ. އޭނާގެ ކޮނޑުމަތީގައި ބޯއަޅައިގެންއޮވެ އަހަންނަށް ރޮވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ޝަޔާންވެސް އަހަންނާއި ވަކިވާންޖެހޭތީ އެކަމާއި ހިތާމަކުރިއެވެ. ކަރުނަ އޮހޮރުވިއެވެ. ދެމީހުން ދެމީހުންގެ ކަރުނަތައް ފޮހެދެމުން އެތަކެއް ވަޢުދަކާއި ހުވާތަކެއް ކުރީމެވެ. ޝަޔާން އޭނާ އަހަރެން ހޯދަން އަންނާނެ ކަމަށް ބުނެ ވަޢުދުވިއެވެ. އަދިއެއަށްފަހު އޭނާ އަހަންނާއި ކައިވެނި ކުރާނެ ވާހަކަވެސް ބުންޏެވެ. އޭނާ ލޯބިވަނީ ހަމައެކަނި އަހަރެންދެކެ ކަމާއި އެލޯބި އެހެންމީހަކަށް ނުދެވޭނެކަމަށް ބުންޏެވެ. އަދި އަހަރެން އޭނާއަށް އިންތިޒާރު ކުރުމަށްވެސް ބުންޏެވެ. ކޮންމެ ދުވަހަކުންއަޔަސް އޭނާ އަހަރެން ހޯދަން އަންނާނެ ކަމަށް ތަކުރާރުކޮށް އޭނާ ބުނަމުންދިޔައެވެ. އޭނާ އަބަދުވެސް ގުޅާނެ ވާހަކަޔާއި އޭނާގެ ފޯނަށް ނުގުޅިއްޖެނަމަ އޭނާގެ ގޭނަންބަރުދީ އެނަންބަރަށް ގުޅުމަށްވެސް ބުންޏެވެ. ދެމީހުން ވަކިވުމުގެ ކުރިން ދުވަހަކު ހިތުން ފިލުވާނުލެވޭ ވަރަށް އޭނާ އަހަންނަށް ލޯބިދިނެވެ. އޭނާގެ ލޯބިވެތި ފިރުމުންތަކުން އަހަރެންގެ ހިތް އިތުރަށް ރޮއްވިއެވެ. ދެން އޭނަޔާއި ބައްދަލުނުވާނެހެން ހީވާތީއެވެ.

އެއީ އަހަރުމެންގެ ފަހުގެ ބައްދަލުވުމެވެ. ޝަޔާން ފުރައިފިއެވެ. ވަރަށް ސިއްރުން އަހަންނާއި ވަދާއީ ސަލާންކޮށްފައެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެންމެން ކުރިމަތީގައި ނުރޮވުނަސް ގެއަށްއައިސް އަހަރެން ހިތް ފުރެންދެން ރުއީމެވެ. އޭނާ ފުރިތާ ހަފްތާއެއް ފާއިތުވީއިރުވެސް އަހަރެންގެ ހާލަތު ބަދަލެއް ނުވިއެވެ. ޝަޔާން ގަވައިދުން އަހަންނަށް ގުޅާފައި ވާހަކަދައްކައެވެ. އަހަރެން ހިންހަމަ ޖައްސައިދޭން މަސައްކަތް ކުރެއެވެ. ޝަޔާންގެ އަޑުން އަހަރެންގެ ހިތާމަތަކަށް ލުޔެއް ލިބެއެވެ. ހޮސްޕިޓަލަށްދާ ކޮންމެ ފަހަރަކު އަހަންނަށް ޝަޔާންގެ ހަނދާންތައް ވަރަށް އާވެއެވެ. އެކޮޓަރިއަށް ވަންނަ ކޮންމެފަހަރަކު ލޮލުން ކަރުނައާދެއެވެ. ޝަޔާން ކައިރީގައި ނެތުމުން އަހަރެން މުޅިން މާޔޫސްވެ އެކަނިވިއެވެ. ނަމަވެސް އޭނާ އަންނާނެކަމަށް އުންމީދުކޮށްގެން ދިރިއުޅުން ކުރިޔަށް ގެންދިޔައީމެވެ.

ޝަޔާން ފުރިތާ ދެހަފްތާ ފަހުން އޭނާގެ ފޯންކޯލްތައް ހުއްޓުނެވެ. އެދުވަހު އޭނާ ނުގުޅައިގެން އަހަރެން އޭނާގެ ފޯނަށް ގުޅީއެވެ. ފޯނުއޮތީ ނިއްވާލާފައެވެ. އެދުވަހު ހަތަރުދަމު މަސައްކަތް ކުރިއިރުވެސް ފޯނުއޮތީ ނިއްވާލާފައެވެ. އޭނާގެ ގޭނަންބަރަށް ގުޅުމުން އެނަންބަރުން ފޯނެއް ނުނަގައެވެ. އަހަރެން އެކަމާއި ވަރަށް ހާސްވިއެވެ. މޮޔައަކު ފަދައިން ރޭދުވާ އޭނާއަށް ގުޅަން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވިއެވެ. އަހަރެން ރަނާއާއި ވާހަކަދެއްކީމެވެ. ރަނާގެ ފަރާތުން އަހަންނަށް ލިބުނީ އަހަރެން ހިތް ކުދިކުދިވެގެން ދިޔަކަހަލަ ޖަވާބެކެވެ. އޭނާ ބުނީ މާލޭގެ މުއްސަދިންނަކީ އެކަހަލަ ބައެއްކަމެވެ. އޭނާ މިރަށަށް އައިސް ހުރިއިރު ފޫހިފިލުވަންވެގެން އަހަރެން ބޭނުންކޮށްލީ ކަމުގައެވެ. ރަނާގެ ދުލުން ޝަޔާންއާއި ބެހޭގޮތުން އެފަދަ ޖުމްލައެއް އަޑުއިވުމުން އަހަރެން ވަރަށް ރުޅިއައެވެ. އެއްޗެހިވެސް ކީމެވެ. ޝަޔާން އަހަންނަށް ލަނޑު ދީފާނެ ކަމަށް ހިތް ގަބޫލު ނުކުރާތީއެވެ. ނަމަވެސް ދުވަސް ފާއިތުވީވަރަކަށް ރަނާގެ ޖުމްލަތައް ގަބޫލުކުރަން އަހަންނަށް މަޖުބޫރުކުރިއެވެ. ބޭނުންނުވެހުރެވެސް ޝަޔާންއަކީ ކެހިވެރި ދޮގުވެރިއެއްކަން ގަބޫލުކުރެވުނެވެ. އަހަރެންގެ ހިތް މުޅިން ފުޑުފުޑުވިއެވެ. ވެވުނު ލޯބިން އަހަރެން މުޅިން ބަދަލުވިއެވެ. ލޯބީގެ ހިތިކަމާއި އެކަނިވެރިކަން އަހަރެން ވަށާލިއެވެ. ޝަޔާންގެ ޚަބަރެއް ނުވާތާ އެއްމަސް ފާއިތުވެދިޔައެވެ.

ދެން އަހަންނާއި ކުރިމަތިވީ އަހަރެން އުންމީދުވެސް ނުކުރާ ކަހަލަ ކަމަކާއިއެވެ. ޝަޔާންގެ ލޯބިން އަހަރެން ވެއްޓިގެން ދިޔައީ ކިހާފުން އަދަވަޅަކަށް ކަން އިޙުސާސް ވާކަށް މާގިނަދުވަހެއް ނުނެގިއެވެ. އަހަރެން މޭނުބައި ކޮށްފައި ހޮޑުލަވަން ފެއްޓިއެވެ. އާންމުކޮށް މިހެންވަނީ ބަދީގޭގައި ކައްކަން ހުންނައިރުއެވެ. ބައެއްވަސްތަކުން އަހަރެން މޭނުބައި ކުރަނީއެވެ. ހޮސްޕިޓަލުގައި އުޅޭއިރުވެސް މިހެންވާތީވެ އަހަރެން ޗުއްޓީއެއް ނެގީމެވެ. ބައެއް ކާއެއްޗެހި އަހަންނަށް ނުކެވެއެވެ. އަހަރެން ހާސްވިއެވެ. ވާގޮތެއް ނޭނގޭތީއެވެ. އަހަރެން މާމަޔާއި ވާހަކަދެއްކީމެވެ. އެވަގުތު މާމަގެ ދެލޯ ބޮޑުވެގެންދިޔައެވެ. މާމަ އަހަރެން ގޮވައިގެން ކޮޓަރިއަށްވަދެ ތަޅުލައިގެންހުރެ ހުރިހާވާހަކައެއް އެހިއެވެ. އެއްގަޑިއިރުވަންދެން މާމައަހަންނާއި އެކިއއެކި ސުވާލުކުރިއެވެ. ނަމަވެސް އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ކުއްޖަކާއިއެކު އުޅުނުކަމަށް އެއްބަސްވުން ފިޔަވައެވެ. މާމަގެ މޫނު ރަތްވެގެން ދިޔައެވެ. އޭއާއިއެކު މާމަގެ ހޫނުއެތިފަހަރެއްވެސް އަހަރެންގެ މޫނުމައްޗަށް އަމާޒުވިއެވެ. މާމަ އަހަރެން ކައިރިން އެއީ ކާކުތޯ ވަރަށް ސުވާލުކުރިއެވެ. ހަނުހުރުން ފިޔަވައި އަހަންނަށް އިތުރު އެއްކަމެއްވެސް ނުކުރެވުނެވެ. މާމަގެ ވާހަކަތަކުން އަހަރެންއިނީ ބަލިވެކަން އަހަންނަށް އެނގުނެވެ. އަހަރެންގެ ބޮލަށް އެވަގުތު އެނބުރުން އެރިއެވެ. އަހަރެން ބަލިވެ އިނދެދާނެކަމަށް އަހަންނަށް ގަބޫލު ނުކުރެވުނެވެ. އަހަރެން ވެއްޓުމުގެ ކުރިން މާމަ އަހަރެން ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް އަހަންނަކަށް ނޭގެއެވެ.

ހޭއެރިއިރު މާމަޔާއި ބައްޕަ އަހަރެންގެ ކައިރީގައި ތިއްބެވެ. ބައްޕަގެ މޫނުމަތިން ފެނުނު އާދަޔާއި ޚިލާފު ރުޅިވެރިކަމުން ބައްޕަޔަށް ހުރިހާ ވާހަކައެއް މާމަ ކިޔައިދީފިކަން އަހަންނަށް އެނގުނެވެ. ބައްޕަ މާމަ ގޮވައިގެން ބޭރަށް ނުކުތެވެ. އެނބުރި މާމަ އައިސް އަހަރެން ގޮވައިގެން ފާޚަނާޔަށް ދިޔައެވެ. މާމަގެ އަތުގައި މާބަނޑުކަން ޓެސްޓްކުރާ ކިޓެއްއޮތެވެ. އަހަރެންހުރީ ގޮތް ހުސްވެފައެވެ. މުޅިމީހާހުރީ ދާހިއްލާ ފޯވެފައެވެ. ހިތުގެ ތެޅުންވެސް އެހާވަރަށް ދުވަހަކު އަވަހެއްނުވެއެވެ. އަހަރެން މާމަ ބުނިގޮތަށް ހުރިހާކަމެއް ކުރީމެވެ. މާބަނޑު ނުވުމަށްއެދި އަހަންނަށް ހިތުން ދުޢާކުރެވުނު ވަރެއްވެސް ނޭނގެއެވެ. ނަމަވެސް ވީކަމެއް ނުވާކަމަކަށް ވާނެހެއްޔެވެ! އެޓެސްޓުން ދެއްކީ އަހަން މާބަނޑުކަމަށެވެ. އަހަރެން ފާޚަނާއިން ނުކުތީ ވަރަށް ބިރުންހުރެއެވެ. ބައްޕަގެ ރުޅިގަނޑާއި އަހަރެން ކުރިމަތިލާނެ ގޮތެއްވެސް ނޭނގޭތީއެވެ. އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ! އަހަރެން ހީކުރިގޮތަށް އަހަންނަށް ބައްޕަގެ ރުޅިގަނޑާއި ކުރިމަތިލާން ޖެހުނެވެ. ބައްޕަގެ ހޫނުއެތިފަހަރުތައް ތަހައްމަލް ކުރަން ޖެހުނެވެ. މާމަ ނެތްނަމަ އެދުވަހު ބައްޕައަތުން އަހަރެންގެ ފުރާނަދިޔައީހެވެ. ބައްޕަހުރީ އެހާވަރަށް ރުޅިއައިސްފައެވެ. ނަމަވެސް އަހަރެންގެ ހިތުގައި ބައްޕަޔާއިމެދު އެއްވެސް ޝަކުވާއެއްނެތެވެ. ބައްޕަ އަހަރެންދެކެ ރުޅިއައުން ހައްޤެވެ. އެއްވެސް ވިސްނުމެއްނެތި ބައްޕަގެ ހުރިހާ ޤަދަރަކާއި އިއްޒަތެއް އަހަރެން ވެއްޔާއި މޮޑެލައިފީމެވެ. މަންމަޔަކާއި ނުލައި ރޭދުވާހޭދަކޮށްގެން ބައްޕަ އަހަންނަށް ދިން އަގުހުރި ތަރުބިއްޔަތުގެ އެއްވެސް އަގެއްނެތެވެ. އެންމެންވެސް އަހަރެންދެކެ ރުޅިއައުން ހައްގެވެ. މާމަ ބައްޕަ ގޮވައިގެން ބޭރަށް ދިޔުމުން އަހަންނަށް ގިސްލަގިސްލާފައި ރޮވުނެވެ. ހިތުގައިވާ ހިތާމަތައް ކަރުނައިގެ ސިފައިގައި އޮހެމުން ދިޔައެވެ. އަހަރެންގެ ސިކުޑިއަކަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. ޝަޔާންގެ ޚިޔާލު އަންނައިރަށް އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. އެފަދަ މީހަކުދެކެ އަހަންނަށް ލޯބިވެވުނީތީއެވެ. އަހަރެންގެ ހުރިހާއެއްޗެއް އެކަހަލަ ކެހިވެރިޔަކަށް ޤުރުބާން ކުރެވުނީތީއެވެ. ވީލޯބީގެ އަގު މިހާހިތިކޮށް އަހަރެން ތަހައްމަލް ކުރަންޖެހޭނެކަން ކުރިން އެނގުނުނަމަ އެލޯތްބާއި ކައިރިނުވީމުސްއެވެ. އަހަރެންގެ ޙަޔާތް އަހަރެން ވީލޯބިން ބަރުބާދުވެއްޖެވެ. އަހަރެންގެ މުޅި މުސްތަޤްބަލް ބަނަވެ އަނދިރިވެއްޖެވެ. ޙަޔާތުގައި ދުވަހަކު ފިލުވާނުލެވޭނެވަރުގެ ބޮޑު ލައްގަޑެއް ޖެހިއްޖެއެވެ. ދުނިޔެމަތިން އަހަރެން ފޫހިވިއެވެ.

އެރޭ ބައްޕަގެ ރުޅިގަނޑު ފިނިވުމުން އައިސް އަހަންނާއި ވާހަކަދެއްކިއެވެ. އޭރު އަހަރެން އޮތީ އެނދުގައި ބަންޑުންނެވެ. އަހަރެންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ބައްޕަ އަހަރެން ކައިރިން އެއީ ކާކުތޯއެހިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ބައްޕަ ދެވަނަ ފަހަރަށްވެސް އެހުމުން އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ. އަދި ބައްޕަކައިރިން އާދޭސްކޮސްފައި އެފަރާތެއް ނޭހުމަށް އެދުނީމެވެ. އަހަންނަށް ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް އަހަރެންގެ ދުލުން އެމީހެއްގެ ނަމެއް ނުނިކުންނާނޭ ވާހަކަބުނީމެވެ. ބައްޕަ ރުޅިގަނޑު މައިތިރި ކުރަމުން އަހަރެން ކައިރީގައި އެއީ ރަށުމީހެއްހޭ އަހާލިއެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯޖެހާލުމުން ބައްޕަ އިތުރު ވާހަކައެއް ނުދައްކާ އެތަނުން ނުކުމެގެން ދިޔައެވެ. އަހަންނަށް އަނެއްކާވެސް ރޮވުނެވެ.

އެދުވަހަށްފަހު ބައްޕަ އަހަންނާއި ވާހަކަ ނުދައްކައެވެ. އަހަރެންގެ ހުރިހާ ކަމެއް ކުރަމުން ދިޔައީ މާމައެވެ. ނަމަވެސް އަހަންނަށް ނޭނގޭހެން ބައްޕަ އަހަރެންގެ ހާލުއަހުވާލު ބަލައެވެ. އަހަރެންގެ ދިރިއުޅުމާއިމެދު ހިތާމަކުރެއެވެ. އަހަރެންގެ ހާލަށް ހަމްދަރުދީވެއެވެ. އަހަރެން ވަޒީފާއިންވެސް ކެނޑުނީމެވެ. ރޭދުވާ އަހަރެން ހޭދަކުރަމުންދިޔައީ އަހަރެންގެ ކޮޓަރިތެރޭގައެވެ. އަނދިރިކޮށްގެންނެވެ. ފޯނުވެސް އަހަރެން އޮންނަނީ އަބަދަށް ނިއްވާލާފައެވެ. ރައްޓެއްސަކުވެސް ގުޅާފާނެތީއެވެ. ތާއަބަދުގައި އަހަންނަށް ވިސްނެނީ ޝަޔާންއާއި ދޭތެރޭގައެވެ. އޭނަ އަހަންނަށް ދިން ކެހިވެރިކަމާއި ދޭތެރޭގައެވެ.

އަހަރެންގެ ދިރިއުޅުމަށްއައި ބަދަލުތަކުގެ ވާހަކަ އަހަރެން ރަނާއާއި ހިއްސާކުރީމެވެ. އަހަރެންގެ ފޯނަށް ނުގުޅިގެން އޭނާ ގެއަށް އައުމުންނެވެ. ރަނާ ފެނުމުން އަހަރެން މާދެރަވިއެވެ. އަހަރެންގެ ހުރިހާއެއްޗެއް ރަނާއަށް އެނގޭތީއެވެ. އަހަރެންގެ ބަނޑުގައި އޮތީ ޝަޔާންގެ ދަރިއެއްކަން އަހަރެން ބުނުމުގެ ކުރިން ރަނާއަށް އެނގުނެވެ. އަހަރެން ރަނާއަށް އެވާހަކަ ކިޔައިދިނީމެވެ. ރަނާ އެކަން އޭނާޔަށް ސިއްރު ކުރީތީ ޝަކުވާކުރިއެވެ. އަދި ދަތުރުގައި އަހަރުމެން ދެމީހުން ބައްދަލުކުރުމަށް އެހީ ވެދެވުނީތީ އެކަމާއި ހިތާމަ ކުރާވާހަކަ ބުންޏެވެ. އަހަރެން ރަނާކައިރިން ޝަޔާންގެ ވާހަކަ މުޅި އުމުރަށް ސިއްރުކޮށްދިނުމަށް އެދުނީމެވެ. އަހަރެންގެ ހުރިހާ ސިއްރެއް އޭނާ އަބަދުވެސް ސިއްރުކުރާ ފަދައިންނެވެ. ރަނާ އަހަރެންގެ ކަރުނަތައް ފޮހެދިނެވެ. އަދި ޝަޔާންގެ ވާހަކަ އެހެންމީހެއްގެ ކައިރީގައި އޭނާ ނުބުނާނެކަމަށް ވަޢުދުވިއެވެ. ރަނާ އަހަރެންގެ ކައިރީގައި ވަރަށްގިނައިރު އިނެވެ. އަހަންނަށް ހިތްވަރުދީ ހިންހަމަޖައްސަން މަސައްކަތް ކުރިއެވެ. ރަނާ ޝަޔާންއާއި ދިމާލަށް ވަރަށް އެއްޗެހިކިޔެވެ.

ދެން ފާއިތުވެގެން އައީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަސްތަކެވެ. އަހަރެން ނަހަލާލަށް ބަލިވެއިންކަން އަވަށުއެންމެނަށް އެނގި އެއެންމެންގެ މަލާމާތް އަހަންނަށާއި އަހަރެންގެ ޢާއިލާއަށް ރައްދުވިއެވެ. ބަލިވެއިނުމުންވާ ހުރިހާ އުނދަގުލެއް އަހަންނަށް ވާތީވެ ގިނަދުވަހު އަހަރެން އޮންނަންޖެހެނީ ހޮސްޕިޓަލުގައެވެ. ހަށިގަނޑުގެ ވަރު ދެރަކަމުންނެވެ. ހޮސްޕިޓަލުގެ އެތައްބައެއްގެ ސުވާލާއިވެސް އަހަރެން ކުރިމަތިލާން ޖެހުނެވެ. އެންމެންވެސް ބޭނުންވީ އަހަރެންގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން ބެލުމެވެ. ނަމަވެސް އަހަރެންގެ ދޫ ހުރީ ތަޅުލެވިފައެވެ. އެންމެންގެ މަލާމާތާއި އެއްޗެހިކިޔުން ތަހައްމަލް ކުރަމުންވެސް އަހަރެންގެ ދުލަކުން ޝަޔާންގެ ނަމެއް ބޭރެއް ނުކުރަމެވެ. އަހަރެން އޭނާ ދިފާޢުކުރަން ބޭނުންވަނީކީނޫނެވެ. ހަމައެކަނި އަހަރެން ބޭނުންވަނީ އެކަހަލަ ކެހިވެރިއެއްގެ އަސަރުވެސް އަހަރެންގެ މުސްތަޤްބަލަށް އެޅުނަ ނުދިނުމަށްޓަކައެވެ. އަހަރެންގެ ދިރުއުޅުމުގައި މީހެއްގެ ދުލުންވެސް އޭނާގެ ނަން އަހަންނާއި ހަމަޔަށް އަޔަ ނުދިނުމަށްޓަކައެވެ. ރަނާގެ ފަރާތުން އަހަންނަށް ވަރަށް އެހީތެރިކަން ލިބުނެވެ. އޭނާ އަބަދުވެސް އަހަރެންގެ ޙާލު ބަލައެވެ. ބައެއްފަހަރު ގެއަށްއައިސް މާމަޔަށް އެހީތެރިވެދީވެސް ހަދައެވެ.

އަހަރެން ބަލިވެއިނީ ދެކުދިންނަށެވެ. އެކަން އަހަރެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކިދުވަހު އެނގުނެވެ. އަހަރެން އެހާވަރަށް ޝަޔާންއަށް ނަފްރަތު ކުރާއިރުވެސް އަހަރެންގެ ބަނޑުގައި އޭނާގެ ލެއިން އުފެދިފައިވާ ދެކުދިންދެކެ އަހަންނަށް ނަފްރަތެއް ނުކުރެވުނެވެ. ފަހަރުގައި އެކުދިންގެ އެއްބަޔަކީ އަހަރެންގެ ލޭވީމައި ކަމަށްވެސް ވެދާނެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ހިތުގައި އެކުދިންނާއިމެދު އުފެދުނު ލޯބިދިޔައީ ވަރުގަދަވަމުންނެވެ. އަހަރެންގެ ބަނޑަށް ފަސްމަސްވީއިރު އަހަރެންގެ ބަނޑު ވަރަށް ބޮނޑެވެ. އޭރުވެސް ބައްޕަ އަހަރެންގެ ކަންތައް ކުރަމުންވެސް އަހަންނާއި ކުރިން ވާހަކަދައްކާ އުޅުނުގޮތަކަށް ވާހަކަނުދައްކައެވެ. ބައްޕަގެ ހިތާމަތަކަށް އޭރުވެސް ލުޔެއް ނުލިބެއެވެ. އެހާދުވަސްވީއިރުވެސް ޝަޔާންގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަހަރެންގެ ޙާލުބަލާލާން ކީއްކުރަން އޭނާ އަހަރެން ދުނިޔޭގައި ދިރި ހުރިތޯވެސް ބަލައެއްނުލައެވެ.

އަހަރެންގެ ބަނޑަށް ހަތްމަހުން ބައްޕަ މިދުނިޔެއާއި ވަކިވިއެވެ. އަހަރެން ވަރަށް ހިތާމަކުރީމެވެ. އަހަރެންގެ ސަބަބުން ހިތާމައިގައި ބައްޕަ މިދުނިޔެއިން ނިމިދިޔައީމައެވެ. އަހަރެންގެ ރިހޭ ފައިމައްޗަށް ފޮތަކަށްފަހު ފޮތެއް ވެއްޓުނީއެވެ. އަހަރެންގެ ނަސީބަކީ މިއީބާއޭ ހިތަށްއެރިއެވެ. އޭރު އަހަންނަށް އެކަނި ތެދުވެ ނޫޅެވޭވަރަށް އަހަރެންގެ ބަނޑު ބޮޑެވެ. އެތަކެއް އުނދަގުލަކާއި އަހަރެން ކުރިމަތިލާން ޖެހުނެވެ. އަހަންނަށް ހިންހަމަޖެހުމެއް ނުލިބި ދުވަހަކަށްފަހު ދުވަހަކަށް ހިތާމަތަކާއި ކުރިމަތިލާންޖެހުނެވެ. އެއީ އަހަރެން ޚިޔާލުކުރި މަގެވެ. އެވޭން ލިބިގަތީ އަހަރެން އަމިއްލައަށެވެ. އަހަރެން ޝަކުވާކުރަންވީ ކާކާއި ހެއްޔެވެ؟ ޚުދް އަހަރެންގެ އަމިއްލަ ނަފުސު ފިޔަވަވައި އެހެންފަރާތެއް ނެތެވެ. އަހަރެން އެންމެ ދެރަވީ މާމަޔާއި އަހަރެން އެކަނިވެރި ވީމައެވެ. މާމަގެ ފަރާތުން ކިތަންމެ އެހީތެރިކަމެއް ލިބުނަސް އެމާމަޔަކީ މުސްކުޅިވެ ގައިން ބާރު ދޫވެފައިވާމީހެވެ. އަހަންނާއި އެކީ އެމާމަޔަށް އަބަދަކު ނޫޅެވޭނެވެ. ކޮންމެވެސް ކައިރި މުސްތަޤްބަލެއްގައި އެމާމަގެ ނިމުން އަންނާނެވެ. އެދުވަހަކުން އަހަރެން މުޅިން އެކަނިވާނެވެ. އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ މިއީ ބައްޕަގެ މަރަށްފަހު އަހަރެންގެ ހިތުގައި އަބަދުވެސް އެނބުރޭ ސުވާލުތަކެވެ.

ހިތާމައިގައި ދުވަސްތައް ކަޑައްތު ކުރަމުންގޮސް އަހަރެންގެ ދެކުދިން މިދުނިޔެއަށް އުފަންވިއެވެ. ލޯބިލޯބި ދެއަންހެން ކުދިންނެވެ. އެދެކުދިން ފެނުމާއިއެކު އަހަރެންގެ ހިތާމަތަކަށް ލުޔެއްލިބުނެވެ. އެޅަ އަޑު ކަންފަތުގައި ޖެހުމާއިއެކު ހަށިގަނޑަށް ދިރުންއައެވެ. މާމަ އަހަންނަށް ބަލާލާފައި ހިނތުންވެލިއެވެ. އަދި އެކުދިންނާއި ލޯބިކޮށްލިއެވެ. އަހަރެން އުންމީދުކުރީ އެއީ އަހަރެންގެ ޙަޔާތުގެ އާފެށުމެއްކަމުގައެވެ. މާޒީ ހަނދާން ނައްތާލާފައި ދިރުއުޅުމާއިގެން ކުރިޔަށްދިޔުމަށް އަހަރެން އަޒުމް ކަނޑައެޅީ އެދުވަހުގައެވެ. އެގޮތުން ގަދަވެގެން އަހަރެން އެންމެ ފުރަތަމަޔަށް ލިބިގަތީ އަހަރެން ކުރި ކުށުގެ އަދަބެވެ. އަހަންނަށް ކުރެވުނު ކުށާއިމެދު ދެރަވެ ތަޢުބާވީމެވެ. އެފަދަ ކުށެއް ދެން ނުކުރުމަށް އެދި ހިތުގައި އަޒުމް ކަނޑައެޅީމެވެ.

ކަންފަތުގައި ބަންގީގެ އަޑު ޖެހުމާއިއެކު މާޒީގެ ހަނދާންތަކުން އަހަންނަށް ބޭރަށް އާދެވުނެވެ. އަހަރެން އަވަސްވެގަތީ ފަތިސް ނަމާދު ކުރުމަށްޓަކައެވެ. ނަމާދުކޮށް ނިމިގެން އަހަރެން ﷲގެ ހަޟްރަތަށް ދެއަތް އުފުލާލީމެވެ. ލޮލުން ކަރުނަ އޮހޮރާލާފައި ކުރެވުނު ކުށަށް މައާފަށް އެދުނީމެވެ. އަދި އަހަންނާއި އަހަރެންގެ ދަރިންނަށް އުފާވެރި ރަނގަޅު ދިރިއުޅުމެއް މިންވަރު ކޮށްދެއްވުމަށް އެދުނީމެވެ. އަހަރެންގެ މުސްކުޅިމާމަޔަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދުނީމެވެ. އަހަންނާއި އެމާމަގެ ފާފަތައް ފުއްސަވާ އަހަރުމެންނަށް ސުވަރުގެ މިންވަރު ކޮށްދެއްވުމަށް އެދުނީމެވެ. އަހަރެންގެ މަންމަޔާއި ބައްޕަގެ ފާފަތައްވެސް ފުއްސަވައި އެދެމީހުންނަށްވެސް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދުނީމެވެ. މިހާރު އަހަރެންގެ އާދައިގެ ދިރިއުޅުމަކީ މިއީއެވެ. ފަސްއިރު ފަސްނަމާދުގައި އަހަރެން އަހަންނަށް ކުރެވުނު ކުށަށް އެކަލާންގެ ހަޟްރަތުން އަބަދުވެސް މަޢާފަށް އެދެމެވެ. އަހަރެންގެ ދަރިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމަށް މަގުފަހި ކޮށްދީ ދިރިއުޅުމުގައި ކުރިޔަށް ދިޔުމަށް އަހަންނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދެމެވެ. މިކަމުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބެއެވެ. އަހަރެން ލޮލުން ކަރުނަ ފޮހެލާފައިގޮސް މާމަޔަށް ގޮވީމެވެ.

ހިތާމައިގައި އަހަރެއްހާ ދުވަސް ފާއިތުވެދިޔައީއެވެ. ޝަޔާންގެ ޚަބަރެއް ނުވިޔަސް އޭނާގެ ހަނދާންތައް އަދިވެސް އަހަރެންގެ ހިތުން މުޅިން ފިލައިގެން ނުދެއެވެ. އަހަރެން އޭނާޔަށް ކިތަންމެ ނަފްރަތު ކުރިޔަސް އެލޯބި އަދިވެސް ފުރަތަމަ ދުވަހެކޭ އެއްވަރަށް އަހަރެންގެ ހިތުގައިވެއެވެ. ބޭނުންނުވެ ހުރެވެސް އަހަންނަށް އޭނަޔާއި ދޭތެރޭ ވިސްނެއެވެ. އޭނަޔާއިއެކު ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާނަށް އާދެއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ހަޤީގަތަކީއެއީއެވެ. ނަމަވެސް އޭނާ އަހަންނަށް ދިން ހިތާމައިގެ ކަޅު ސާލުން އެހަނދާންތައް ދަނީ ދުވަހެއް ދުވަހަކަށް ވަޅުލެވެމުންނެވެ. އަހަރެންގެ ބާރުގައިވާ ހިތެއްނަމަ ވަގުތުން އޭނާގެ ނަމާއި، އެހަނދާންތައް އެހިތުން ފިލުވާލިތާ ކޮންދުވަހެއް ހެއްޔެވެ! އޭނާ އަހަންނަށް ކެހިދިނީ ކީއްވެގެންކަމެއް ނޭގެއެވެ. އަހަރެންގެ ލޯބިން އުނިވީ ކޮންބައެއް ކަމެއްވެސް ނޭގެއެވެ. އޭނާ އަހަރެންގެ ޙަޔާތަށް އައީ ބީރައްޓެއްސެއްގެ ގޮތުގައެވެ. އަހަރެންގެ ޙަޔާތުން އޭނާ ދިޔައީވެސް އެހެންނެވެ. އެހެނަސް ރަން މުތެއްފަދަ އަގުހުރި ދެހަދިޔާ ދީފައެވެ. އަހަރެން އެދެކުދިންނަށްޓަކައި ދިރިއުޅޭނަމެވެ. މިހާރު އަހަރެންގެ އަޒުމަކީ އެދެކުދިންނަށް ރަނަގަޅު މުސްތަޤްބަލެއް ހޯދައިދިނުމެވެ. ބައްޕައެއްގެ އުނިކަން ދުވަހަކު އެދެކުދިންނަށް ވިޔަ ނުދިނުމެވެ. އޭނާގެ ހިޔަނިވެސް އަހަރެން އެ ދެކުދިން ޙަޔާތަށް އެޅުނަކަ ނުދޭނަމެވެ. ދުނިޔޭގައި އަހަރެން ދިރިހުރިހާ ހިނދަކު އެކެހިވެރިޔާ މަތިން ހަނދާން ނައްތާލަން އަހަރެން ރޭދުވާ މަސައްކަތް ކުރާނަމެވެ. އަހަރެންގެ އުންމީދަކީ މިއީއެވެ.  

................. (ނިމުނީ) .................